navLogo

ސްރީލަންކާއަށް އެހީވުމަށް ދިވެހި މީޑިއާތަކުން ފެށި ޓެލެތޯނަށް 6.6 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

ސްރީލަންކާއަށް އެހީވުމަށް ދިވެހި މީޑިއާތަކުން ފެށި ޓެލެތޯނަށް 6.6 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
psm news
މަރިޔަމް

ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 6.6 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި ޓެލެތޯން ފަށާފައިވަނީ އާދިއްތަ ދުވަހު ހެނދުނު 9:00 ގައެވެ.

މި ޓެލެތޯންއަށް ބީއެމްއެލްއިން ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް، މިއަދުގެ މެންދުރު 12:00 ޖެހުމާއާ ހަމައަށް ޖުމްލަ 6,655,662 ރުފިޔާ ވަނީ ލިބިފައެވެ. މި އަދަދުގައި ހިމެނެނީ 6,003,289 ރުފިޔާ އަދި 42,307 ޑޮލަރެވެ.

37 މީޑިއާއެއް ގުޅިގެން ކުރިއަށް ގެންދާ މި ޓެލެތޯން ފެށީ އާދިއްތަ ދުވަހު ހެނދުނު 9:00 ގައެވެ. ކުރިން އާދިއްތަ ދުވަހުގެރޭ މެންދަމު 1:00 ޖެހުމާ ހަމައަށް ޓެލެތޯން ކުރިއަށްގެންދިއުމަށް ނިންމާފައި އޮތްނަމަވެސް، ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މިހާރު ވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ޖެހުމާއި ހަމައަށް ޓެލެތޯން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މީގެއިތުރުން ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޚާއްސަ ފޮށިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމު ވަނީ ކާރިސާގެ ޙާލަތުގައެވެ. ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި ސްރީލަންކާއެވެ.

Rate this article

Leave a Comment

Comments (0)