navLogo

މަސްވެރިންގެ އިޙްތިޖާޖް: 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

މަސްވެރިންގެ އިޙްތިޖާޖް: 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
psm news
މަރިޔަމް

މަސްވެރިންގެ އިޙްތިޖާޖުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ގުޅިގެން ދެ ދޯންޏާއި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާފައިވަނީ ފުލުހުންގެ ރަސްމީ އިދާރާއިންނެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން އިއްޔެއިން ފެށިގެން މާލޭގެ 4 ނަމްބަރު ޖެޓީ ކުރިމަތީގައި މަސްވެރިންތަކެއް އަންނަނީ އިޙްތިޖާޖްކުރަމުންނެވެ. މި އިޙްތިޖާޖުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، ޚާއްސަކޮށް ބޮޑު ކަންނެލީގެ މަސްވެރިންނަށް ދިމާވާ ދަތިތަކަށް ސަރުކާރުގެ ސަމާލުކަން ހޯދުމެވެ.

މި އިޙްތިޖާޖުގައި ބައިވެރިވި ބައެއް ދޯނިތަކުގައި ބިދޭސީން ޙަރަކާތްތެރިވަމުންދާކަން ފާހަގަވުމާއި ގުޅިގެން، އެމީހުން މި އިޙްތިޖާޖުގައި ބައިވެރިނުވުމަށް ކަމާ ބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އިޙްތިޖާޖު ކުރާ ދޯނިތަކުގައި ބިދޭސީން ޙަރަކާތްތެރިނުވުމަށް ނަސޭޙަތްތެރިވީ ނަމަވެސް، ބައެއް ދޯނިތަކުގައި ބިދޭސީން ތިބިކަން ފާހަގަވުމާއި ގުޅިގެން، ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނުން އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން، އިޙްތިޖާޖުގައި ބިދޭސީން ޙަރަކާތްތެރިވަމުންދާކަމަށް ފާހަގަކުރެވޭ ދޯނިތަކަށް ފުލުހުން މިއަދު އަރާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އިޙްތިޖާޖާއި ގުޅިގެން މިހާތަނަށް ދެ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ތިން މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޒާކިރުވެސް ހިމެނޭކަމަށް ފުލުހުން ހާމަކުރައްވައެވެ.

ބޮޑު ކަންނެލީގެ މަސްވެރިންގެ މި އިޙްތިޖާޖާއި ގުޅިގެން މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. އެގޮތުން، މަސްވެރިންނަށް ފަސޭހައިން އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާއިރު، ކަންނެލި މަސްވެރިންނަށް ޚާއްސަ މަސް ޕްރޮސެސްކުރާނެ ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

Rate this article

Leave a Comment

Comments (0)