
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ދިވެހި މީޑިއާ ދާއިރާގެ ތަޖުރިބާކާރު އަޙުމަދު ޝަކީބް (ޝަކިއްބެ) މިއަދު އައްޔަންކޮށްފި އެވެ. ޝަކީބަކީ މި ސަރުކާރުން ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަންކުރި ހަތަރުވަނަ ފަރާތެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކުރެއްވި ގޮތުގައި، ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަކީބް ދައުލަތުގެ މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ، ކުރިން އެ މަގާމު ފުރުއްވި އިބްރާހިމް ނަސްރީން މިދިޔަ ނޮވެމްބަރު 29 ގައި އިސްތިއުފާ ދެއްވުމުން ހުސްވި މަގާމަށެވެ.
ޝަކީބަކީ ދިވެހި މީޑިއާ ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހުރި ފަރާތެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ޕޮޑްކާސްޓް އެންމެ ފަހުން ހުށަހަޅުއްވަމުން ގެންދެވި ޝަކީބް ވަނީ ޓީވީއެމްގެ "ތިޔަބޭފުޅުންގެ ފުރުސަތު"، "އެހާރާއި މިހާރު"، "އެހަނދާނުގައި"، "ހޭޔަންބޯ" އަދި "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ފަދަ ބޮޑެތި ޓީވީ ޝޯތައް ހުށަހަޅުއްވައި ދެއްވައިފަ އެވެ.
މީޑިއާ ދާއިރާގެ އިތުރުން، ޝަކީބް އެންމެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވީ ޑިޕާޓްމަންޓު އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) ގަ އެވެ. އެ ތަނުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެވެ. އެއާ އެކު، މިދިޔަ އަހަރުގެ ޖުލައި މަހު ތައުލީމީ ދާއިރާ އިން އޭނާ ރިޓަޔާ ކުރެއްވީ އެވެ.